އިޒްރޭލުން ޣައްޒާ ސިޓީ ހިމެނޭހެން ތިން ސަރަހައްދެއްގައި ހިންގަމުންދާ ހަނގުރާމައިގެ ހަރަކާތްތައް 10 ގަޑިއިރަށް މެދުކަނޑާލައިފި އެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ ސިފައިން ނެރުނު އިއުލާނުގައި ބުނީ މި ތިން ސަރަހައްދުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް އިތުރު އެންގުމަކާ ހަމައަށް ހަނގުރާމައިގެ ހަރަކާތްތައް މެދުކަނޑާލާނެ ކަމަށެވެ.
އަދި އދ އާއި އެހެނިހެން އިންސާނީ އެހީގެ ޖަމާއަތްތަކުގެ ގާފިލާތަކަށް ހެނދުނު 6:00 އިން ރޭ 23:00 އަށް އެހީ ވެއްދުމަށް ދަތުރުކުރެވޭނެ ރައްކާތެރި މަގުތަކެއް ކަނޑައަޅާފައި ވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަލް ޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި، މި ހަބަރަކީ ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުންނަށް ކުއްލި އަދި ސިހުން ގެނުވި ހަބަރެކެވެ. ސަބަބަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާލަފާނެކަމަށް ޣައްޒާގައި ތިބި ރައްޔިތުންނަށް ގަބޫލު ކުރަން ދަތިވުމެވެ. ނަމަވެސް، އެހީގެ ޓްރަކުތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތް އަދި ސާފުވެފައި ނުވާކަމަށް އެ މީޑިއާއިން ފާހަގަކޮށްފައިވެ އެވެ.
ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުގެ ކުރިން، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި އެތަށް ބަޔަކު ކޮންމެ ދުވަހަކު ޝަހީދުކޮށްލައެވެ.
އޭގެ ތެރޭގައި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުންވެސް ހިމެނެއެވެ.



