ސަރުކާރުން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް އައިޖީއެމްއެޗްގައި ތަރައްޤީކުރި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ (އެމްސީޖީއެޗް އޮޕްޓިކަލްސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ފިހާރަ ހުޅުވައިދެއްވާފައި ވަނީ، މިކަމަށްޓަކައި، މިއަދު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ، އެ ފިހާރަ ބައްލަވާލައްވާފައެވެ.
އެ ފިހާރައިން ޚިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައި ވަނީވެސް ރައީސް އެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ، އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވައިދެއްވާނޭކަން އިޢުލާންކުރައްވާފައެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭ ކަމަށް ރައީސް އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.




