ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަންތައް މިއަދު ފަށައި، ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައި ވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ މަތިންދާބޯޓު, 707 2Q އަށް ކަމަށެވެ.
އެ އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ.
”ފަސިންޖަރުންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާއެކު ފިނިފެންމަލުން، އޭގެ އިތުރުން ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހާއްސަ ފިލައެއް ވަނީ އަރުވާފައި“އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެ ފިލާ އެ ކުންފުންޏަށް އެރުވީ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ޓާމިނަލްގެ ތެރެއިން މަރުހަބާ ވިދާޅުވީ މިނިސްޓަރު އޮފް ފައިނޭންސް މޫސާ ޒަމީރު، މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން، މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގް އިބްރާހިމް، އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އެވެ.
އޭގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލަށް އެއާލައިންތަކުގެ އުދުހުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ކަމަށެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.




