އޮގަސްޓް މަހު ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރައެއް ޤާއިމުކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ގާއިމުކުރި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސްގެ ނަމުގައި ގާއިމުކުރި އެ އައިނު ފިހާރަ ތަރައްޤީކޮށްފައި ވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެެ.
އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވައިދެއްވާނޭކަމަަށެވެ.
ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ.



