އަވަށްޓެރި ޝްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެންފިއެވެ.
ލަންކާގެ ރައީސް ޑިސަނަޔަކެއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ ރައީސް މުޢިއްޒުގެ ދައުވަތަކަށް ލަންކާގެ ރައީސް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ޑިސަނަޔަކެއަަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސް މުޢިއްޒު އާއި ރައީސް ޑިސަނަޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޝްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނަޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސް ޑިސަނަޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.
ދިވެހިރާއްޖެ އާއި ޝްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.




