ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ނުހެދުމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު ވަނީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގު މަޢުލޫމާތު ފެތުރުމާއި ބިރުދެއްކުން ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.
ސައީދު ވިދާޅުވީ، ރައްޔިތުންގެ ލާބައަށާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ފަހިވެގެންދާ ފުރުޞަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ތައްޔާރަށް ތިބި ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ ވާދަވެރި މާޙައުލުގައި މިފަދަ ކަންކަމުން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް މިފަދަ ދޮގު ވާހަކަތައް ވެގެންދާނީ ”ހިތްގައިމު މިޔުޒިކަކަށް“ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގުތިޞާދީ ހާލަތައް އަލިއަޅުއްވާލައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، ކިތަންމެ ގަބޫލުކުރަން ދަތިވިކަމުގައިވީނަމަވެސް ރާއްޖޭގެ އިގުތިޞާގެ މައިތަނބަކީ އަދިވެސް ފަތުރުވެރިކަން ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާ އަބަދުވެސް އަންނަނީ ބަދަލުވަމުން އަދި ކުރިއަރަމުން ކަމަށެވެ. އަދި ނަފުރަތާއި ދޮގާއި ހަސަދައިގެ މައްޗަށް އެއްވެސް ޞިނާޢަތެއް ބިނާނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.


