ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު މިއަދުގެ އަސްރު ނަމާދަށްފަހު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އަގުވަޒަންކޮށް ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ޞާބިރަށް އަރުވާފައި ވަނީ އިއްޔެއެވެ.
ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޞާބިރު އަވަހާރަވީ ޢުމުރުން 73 އަހަރުގައެވެ.
ރަސްމީ އިއްޒަތުގައި ފަސްދާނުލާފައިވާ ޙަސަން ޞާބިރުގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ޢަޞްރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. އަދި މޫނު ދެއްކުމާއި ކަށުނަމާދުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
ޙަސަން ޞާބިރުގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
”ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރަން. އެމަނިކުފާނަކީ، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.




