ސްރީލަންކާއަކީ ދިވެހީންނަށް އަމިއްލަ ވަޒަންފަދަ ޤައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލަންކާއާއެކު އޮތީ ހަމައެކަނި އަވަށްޓެރި ގުޅުމެއް ނޫން ކަމަށާއި މިއީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް ކަމަށެވެ.
ލަންކާގެ ރައްޔިތުން ދިވެހީންނަށް ހާއްސަ މެހެމާންދާރީއެއް އަދާކުރާ ކަމަށާއި ލަންކާއަކީ ދިވެހިންގެ ދެވަނަ ވަޒަންފަދަ ޤައުމެއް ކަމަށް ރައީސް ވަނީ ސިފަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ސްރީލަންކާގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަމަށާއި އޭގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން ބޮޑު އެހީތެރިކަމެއް އެ ޤައުމުން ލިބެމުންދާކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާކުރެވިފައިވާ ކަމަށާއި، މިހާރު ދެ ޤައުމުގެ މަސައްކަތްތައްވެސް ބައްޓަންކުރަމުން ދަނީ، ބަދަލުވަމުން އަންނަ ދުނިޔެއާ އެއްހަމައެއްގައި މަސައްކަތްކުރުމަށް ކަމަށެެވެ.


