ރާއްޖެއިން ސްރީލަންކާއަށް ބޭހަށް ދާ ދިވެހީންނަށް އެއް އަހަރުގެ ވިސާ ދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި މި ވަނީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެއާއެކު ބޭއްވެވި ރާއްޖެއާއި ސްރީލަންކާގެ ރަސްމީ މަޝްވަރާތަކަށް ފަހުއެވެ.
ބޭހަށް ދާ ދިވެހީންނަަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން ލަންކާއިން ނިންމުން އެކަން ފާހަގަކޮށް ރައީސް މުއިއްޒު ވަނީ ލަންކާގެ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަޝްވަރާތަކަށްފަހު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު މިއަދު ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭންވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ. އެގޮތުން މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.


