ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އދ. ގައި ބޭއްވި ހައި-ލެވަލް ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ ”ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން“ގައި ރާއްޖެއިން ވެސް ބައިވެރިވާ ކަމަށެވެ.
އެގޮތުން އެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށާއި އެ ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އޭނާ ތަގުރީރު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެފަދަ ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވުމުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ އާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖެއިން ދޭ އެއްބާރުލުން ކަމުގައި ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.



