ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ފަސް ދުވަސް ވަންދެން ހިނގި ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
މި ހަނގުރާމައިގައި މަދުވެގެން 33 މީހުން މަރުވެ، 10،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، މިއީ ހާލަތު ގޯސްވެ ސުލްހަ އާއި ރައްކާތެރިކަން އަލުން ގާއިމް ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ގަރުނުތަކެއް ވަންދެން ބޯޑަރު މައްސަލައާ ގުޅިގެން އެ ދެ ގައުމުގެ ދެމެދުގައި އުފެދުނު މައްސަލަތައް ބޮޑުވެ ހަނގުރާމައަކަށް ބަދަލުވީ މިދިޔަ މެއި މަހު ދެގައުމެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވުމާ ގުޅިގެންނެވެ.
މި އެއްބަސްވުމަށް ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް ތައިލެންޑުން ދެކޮޅު ހެދި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ނުހުއްޓެނީސް ޓެރިފްގެ މަޝްވަރާތައް ކުރިއަށް ނުދާނެ ކަމަށް ބުނުމުން، އެ ގައުމުން ވަނީ މި ހުށަހެޅުމަށް އެއްބަސްވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. އެގޮތުން އެއްގަމު މަގުން ކެމްބޯޑިއާއަށް ދަތުރުކުރާ ރައްޔިތުންނާއި ފަތުރުވެރިންނަށް ތައިލެންޑުން ހުރަސްތަކެއް އަޅާފައިވާއިރު، ކެމްބޯޑިއާ އިން ވަނީ ތައިލެންޑުން ބައެއް ތަކެތި އެތެރެކުރުން މަނާކޮށްފައެވެ. މީގެ ތެރޭގައި މޭވާ، ކަރަންޓު އަދި އިންޓަނެޓްގެ ހިދުމަތް ހިމެނެއެވެ.
ކެމްބޯޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެއި މަހުން ފެށިގެން އެ ގައުމަށް ނިސްބަތްވާ ލައްކައެއްހާ މަސައްކަތްތެރިން ތައިލެންޑުން އެނބުރި އައިސްފައިވެއެވެ.
އަދި މިދިޔަ ހަފްތާގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ތައިލެންޑުން ވަނީ ކެމްބޯޑިއާއާ އެކު ބޯޑަރު ހުރަސްކުރާ ބައެއް ތަންތަން ބަންދުކޮށް، ކެންބޯޑިއާގެ ސަފީރު ވަކިކޮށް، އަނބުރާ އެ ގައުމަށް ފޮނުވާލާފައެވެ.




