މޫސުން ގޯސްވެފައިވީ ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްްޕީއެލް) އިން 4720 ބަސްތާ ފިޔާ ބަނދަރަށް ބާލައިފިއެވެ.
މިދުވަސްކޮޅު ރާއްޖެއަށް އެތެރެކުރާ ފިޔާ ނިސްބަތުން މަދުވެފައިވާކަމުގެ ކަންބޮޑުވުންތަކެއް ވަނީ ފެންމަރިވެފައެވެ. އަދި އެއާއެކު، ބާޒާރުގައި މިހާރު ފިޔާ ވިއްކާ އައްގަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
އެމްޕީއެލްއިން މިއަދު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސްއިން އިއްޔެ އާއި ރޭ ކުރި މަސައްކަތުން 3 ބޯޓަކުން ވަނީ މުދާ ބާލައި، ހުސްކޮށްފައި ކަމަށެވެ.
އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭކަމުގައި އެމްޕީއެލް އިން ބުންޏެވެ.
މީގެއިތުރުން މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދު އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށާއި މި ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3840 ބަސްތާ ފިޔާ ހިމެނޭ ކަމުގައި އެމްޕީއެލް އިން ބުންޏެވެ.




