ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދިއިރުވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް ހުންނެވި މައުރޫފް، އެ ކުންފުނީގެ އެމްޑީކަމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
މަގާމުން ރިޓަޔަރ ކުރައްވަން ނިންމަވާފައިވާކަން މައުރޫފް ވަނީ މިމަހުގެ ކުރީކޮޅު އެ ކުންފުނީގެ މުވައްޒަފުންނަށް އަންގަވާފައެވެ. ކުރިން ނިންމެވީ އަންނަ މަހުގެ 18ގެ ފަހުން ރިޓަޔަރ ކުރެއްވުމަށެވެ.
އެނގިފައިވާ ގޮތުގައި މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ ރިޓަޔާ ކުރައްވަން އެދިވަޑައިގަތް ނަމަވެސް، އިސްތިއުފާ ދެއްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާއަށް އެންގުމުންނެވެ.
މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ.
މީގެއިތުރުން ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ވެސް މައުރޫފް އަދާކުރައްވާފައިވެއެވެ. އަދި އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް ވެސް އަދާކުރައްވާފައިވެއެވެ.



