ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި މީހާގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ހަދަން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އަނިޔާވިމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ނަލަހިޔާ / މޫސާ އިބްރާހިމް (29އ.) އެވެ. ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ކުރުމަށް އޭނާގެ ހަށިގަނޑު އިއްޔެ ވަނީ މާލެ ގެނެސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މޫސާ އިބްރާހިމްގެ އޯޓޮޕްސީއެއް ހަދަން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން މި ހަމަލާއަކީ ދެމީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް / މުޙައްމަދު އިބްރާހިމް (29އ.) އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރު ކޮށްފައިވާ މުޙައްމަދު އިބްރާހިމްއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށާއި ހަމަލާދޭން އޭނާ ބޭނުންކުރި ވަޅިވެސް އިއްޔެ މޫދުން ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކުރި މުޙައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މޫސާ އިބްރާހިމްއަށް ހަމަލާ ދިނުމަށްފަހު، މުޙައްމަދު އިބްރާހިމް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެ، ހަމަލާދޭން ބޭނުންކުރި ވަޅި އެއްލާލި ތަންވެސް އަމިއްލައަށް ބުނެދީފައެވެ. ފުލުހުން އެ ވަޅި ހޯދާފައިވަނީ މޫދު އަޑިންނެވެ.



