މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުސީލު ހާމަކުރަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެވެ.
ޢާޒިމް މިހެން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މާލެ ސިޓީ ކައުންސިލް އޮފީހުގެ ގޯތި ތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ވެސް، ޢަމަލުކުރާނެގޮތެއް ނިންމަމުން މިގެންދަނީ، ކައުންސިލް ތަޅުމަށް ހުށަހަޅައި، މަޝްވަރާގެ ރީތި އުސޫލުން ކަމަށެވެ.
”މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިހުރި ބިންތައް ކުއްޔަށް ދޫކޮށްފައިހުރީ، ކޮންބަޔަކަށް، ކޮންބޭނުމަކު، ކޮން ކުއްޔަކަށް، ކިހާ މުއްދަތަކަށްކަން، ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭ ހާމަކުރަމުން ގެންދާނެ“ މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ، މި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ސިޓީ ކައުންސިލްގައި މަސައްކަތުގައި ދެމިތިއްބެވި ހީވާގި ޓީމު ކަމަށާއި، ކައުންސިލަރުންނާއި ޑަބްލިޔު ޑީސީގެ މެންބަރުން އަދި ކައުންސިލްގެ ހުރިހައި ގިންތިއެއްގެ ހީވާގި މުވައްޒަފުން ކަމަށެވެ.
”ވޭތުވެ ދިޔަ 6 މަސް ދުވަހު ބޭއްވި ކައުންސިލްގެ 23 ޖަލްސާގެ ރެކޯޑްތަކުން، މި ޙަޤީޤަތް ހާމަވާނެ. މާލެ ސިޓީގެ ވެރިންނާއި މުއައްޒަފުންނަކީ، ވޭތުވެދިޔަ 6 މަސް ދުވަހު ހާޞިލްކުރެވުނު ކާމީޔާބީގެ މުގުލުގައި ތިއްބެވި ފަރާތްތައްކަން ވެސް ފާހަގަ ކުރަން.“ ޢާޒިމް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަ، ފަހި ދިރިއުޅުމެއް ލިބި، މާލެ ސިޓީއަކީ އުފާފާގަތިކަމާއެކު ދިރިއުޅެވޭނެ، އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ.



