އުއްމީދަކީ ސިޓީ ކައުންސިލްގެ މަސައްކަތްތައް 2026 ވަނަ އަހަރު އައު ޢިމާރާތަށް ބަދަލުވުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު ޢާޒިމް މިހެން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މާލެ ސިޓީ ކައުންސިލް އޮފީހުގެ ގޯތިތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އަވަސްކޮށް ފަސޭހަކުރުމަށް، ނިމިގެންދިޔަ ހަ މަސް ދުވަހު ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ ސެކްޝަންތަކުން، ބައެއް ސެކްޝަންތައް، އެއް ޢިމާރާތަކަށް ބަދަލުކުރުން ކަމަށެވެ
އެގޮތުން އެ ކައުންސިލްގެ ހުރިހައި ޚިދުމަތެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ޢިމާރާތް ކުރަމުންދާ އައު ޢިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށް މޭޔަރ އާދަމް ޢާޒިމް ވަނީ ވިދާޅުވެފަ އެވެ.
”މާލެ ސިޓީގެ ހުރިހާ ސެކްޝަނެއް އެއް އިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ، އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެ، އުއްމީދަކީ ﷲ ގެ ވާގިފުޅާއެކު މާލެ ސިޓީ ކައުންސިލްގެ ހުރިހައި ސެކްޝަންތަކުގެ މަސައްކަތް 2026 ވަނަ އަހަރު، މި އައު ޢިމާރާތަށް ބަދަލުވުން“ ޢާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އަޅަނީ، ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ އޮފީސް ހުންނަ، ތައިސޭ ކޮށީގެ އިރުމަތި ފަރާތުގައެވެ. 24 ހާސް އަކަފޫޓުގެ ބިމެއްގައި ޢިމާރާތް ކުރާ އައު އޮފީސް ޢިމާރާތް ކުރަނީ 2 ފްލޯއަށެވެ.



