ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފްއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދުއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގައި 60،672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު ފުންކުރުމާއި، 95،194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 1،980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 103.09 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މިއީ 630 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.




