ރަޝިއާގެ އުތުރު އައްސޭރިފަށުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ކަމްޗަކާ ސަރަހައްދުގައި ހުންނަ ގްލުޗެސްކީ އަލިފާން ފަރުބަދަ ގޮވައިފިއެވެ.
މި ބިންހެލުމާ ގުޅިގެން 13 ގައުމަކަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، ބައެއް ގައުމުތަކަށް ވަނީ ސުނާމީގެ ރާޅުތައް އަރާފައެވެ.
މި ފަރުބަދަ ގޮވުމުގެ ކުރިން، ބިންހެލުން އައުމާއެކު އެ ފަރުބަދަ ގޮވަން ކައިރިވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ފަރުބަދައިން ދުން އެރުން އިތުރުވެ، އެކި ހިސާބުތަކަށް ކުނޑި ބުރައިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ރަޝިއާގެ ބިންހެލުން މޮނިޓަރކުރާ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ މިހާތަނަށް އެ ގައުމަށް 47 ބިންހެލުން އައިސްފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އައި ބިންހެލުން ރެކްޓަރ މިންގަނޑުން 8.8 މެގްނިޓިއުޑްގެ ބާރުމިނުގައި ރިކޯޑުކުރެވިފައިވެއެވެ.
ގްލުޗެސްކީ އަލިފާން ފަރުބަދަ ގޮވުމާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަ ނުކުރެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދު މޮނިޓަރކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ ގައުމުތަކުގެ އިމަޖެންސީ އޮޕަރޭޝަންތައް ދަނީ ކުރިއަށެވެ.
އަދި ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.



