ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އެ ދަތުރުފުޅަކީ ރައީސް މުޢިއްޒުގެ އަމިއްލަ ދަތުރުފުޅަކަށްވާތީ، ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން ރައީސްގެ އެ ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.
ސިބްގަޕޫރަށް އަމިއްލަ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ރޭގައި ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ މަހުގެ 29 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.
އެ ދަތުރުފުޅަށް ފަހު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ސިންގަޕޫރާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށެވެ.
ރައީސްގެ މިދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން އަދިއެއް ހާމަކުރައްވާފައެއް ނުވެއެވެ.



