ޣައްޒާގެ ހާލަތު ނިންމުމަކަށް ގެންނަން އިތުރު ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖޭގެ ފަރާތުން މިފަދައިން ގޮވާލާފައިވަނީ، މި މަހުގެ 28 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށްދާ ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން ގައި އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ކުރެއްވި ތަޤްރީރު ގައެވެ.
އެ ތަޤްރީރުގައި، އެމަނިކުފާނު ވަނީ ފަލަސްތީނުގައި އިސްރާއިލް އިން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދި ޤަތުލު ޢާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުސޫލުތައް އިސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ. ހަމައެއާއެކު، ޢަލީ ނަޞީރު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ދިވެހިރާއްޖެ އިން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމުގައި ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރި އެ މަޖިލީހުގެ ޤަރާރުން ލާޒިމުކުރި މި ކޮންފަރެންސްގެ މަޤްޞަދަކީ ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަންއާ ގުޅިގެން އ.ދ. އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރަމަށް ބާރުއެޅުމެވެ.
މި ކޮންފަރެންސް ޗެއަރ ކުރައްވަނީ ފްރާންސް އަދި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ. މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން މި ކޮންފަރެންސް ވަނީ ޖޫން މަހުގެ މެދުކަނޑާލާފައެވެ. އަދި މި ތިން ދުވަހުގެ ކޮންފަރެންސް އަލުން ފެއްޓީ މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.



