ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެޗްޑީސީގެ ޑީއެމްޑީ ކަމުގެ މަގާމުން ފަޔާޒް އިސްތިއުފާ ދެއްވާފައިވާއިރު، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލް ވެސް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ.
ފަޔާޒް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މައުރޫފް އިއްޔެ މަގާމުން އިސްތިއުފާ ދެއްވީ، އަންނަ މަހު 18ގައި އޭނާ ރިޓަޔާކުރައްވާނެކަން ކުރިން އިއުލާންކުރައްވާފައި ވަނިކޮށެވެ. ’ދައުރު’އަށް އެނގިފައިވާ ގޮތުގައި، މައުރޫފް އިސްތިއުފާ ދެއްވީ އެ ގޮތަށް އަމަލުކުރަން ޕީސީބީން އެންގުމުންނެވެ.
މައުރޫފްގެ އިސްތިއުފާ ދެއްވުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އިއްޔެ ވަނީ އައްޔަންކޮށްފައެވެ.



