ޑޮކްޓަރަށް ނުދެއްކި ބަލި މީހުންގެ ކިޔޫއެއް އޮންނަ މައިގަނޑު އެއް ސަބަބަކީ ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށާއި އެހެންކަމުން އެ އޭރިއާތަކަށް އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ރޭ ވިދާޅުވެއްޖެއެވެ.
ޚާއްސަ ޑޮކްޓަރަކަށް ނުދެއްކި ދިގު ކިޔުއެއްގައި ތިބެން ޖެހުމަކީ ގިނަ ރައްޔިތުން އެތައް ދުވަހެއްވަންދެން ކުރަމުންދާ ޝަކުވާއެކެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ރޭގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ރަނގަޅުކުރަން ދުވަހުން ދުވަހަށް މަސައްކަތްކުރާއިރު، އެ ކަމަށް އިންސާނީ ވަސީލަތްތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރަށް ހޯދަން ޖެހިފައިވާ ކަމަށެވެ.
ހަލީމް ވިދާޅުވީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށްލައިގެން 32 ސްޕެޝަލިސްޓް ޚިދުމަތް ދެވޭ ކަމަށާއި، ނަމަވެސް ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ބަލިމީހުންނަށް ފަރުވާ ދޭން ތިބެނީ އެންމެ ޑޮކްޓަރެއް ނޫނީ ދެ ޑޮކްޓަރުންކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން، އެ ސްޕެޝަލިޓީއަކަށް ދައްކަން އަންނަ ބަލިމީހުންގެ ކިޔޫ ދިގުވާ ސަބަބަކީ އެއީކަމަށް ބެލެވޭ ކަމުގައި އޭނާ ބުންޏެވެ.
”މިކަން ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުން ސްޕެޝަލިސްޓް ޑޮކްޓަރުން، އަޅުގަނޑުމެންގެ ޑޮކްޓަރުން ޓްރެއިން ވަންދެން ވެސް މަޑުނުކޮށް އަޅުގަނޑުމެން ބޭރުން ޑޮކްޓަރުން އެބަ ހޯދަން،“ ހަލީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑޮކްޓަރަށް ނުދެއްކި ކިޔޫ ދިގުވާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ 15 ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކް، ނުވަތަ ޕްރައިމަރީ އާބަންކެއާ ހެލްތު ކްލިނިކްތަކެއް ގާއިމްކުރުމަށް ބަޖެޓުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ޖީޕީ ކްލިނިކް މި ފެށޭ އޮގަސްޓް މަހު ހުޅުވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.




