މިމަހުގެ 13 ވަނަ ދުވަހު ބޮޑެތި ޒަހަމްތަކަކާއެކު އއ. މާޅޮހުން ފެނުނު އެ ރަށު އޮކިޑްމާގޭ ޢަބްދުއްރަހްމާން އާދަމް (65އ.) ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށް ވަގުތީ އޯޓޮޕްސީ ރިޕޯޓުން ދައްކައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަހްމާން ނިދާފައި އޮއްވާ އޭނާއަށް ހަމަލާދީފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާއަށް އޭނާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ދަންވަރު 1:50 ހާއިރެވެ. އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް 13 ޖުލައި 2025 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
”ސައުވީސް“ އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޢަބްދުއްރަހްމާންގެ ބޮލަށް ހަމަލާ ދީފައިވަނީ މަރުތޭލަކުން ކަމަށް ބެލެވެއެވެ. އަދި ޢަބްދުއްރަހްމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށުތެރޭގައި ވާހަކަ ފެތުރޭ ކަމަށާއި އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު އޭނާ ދެކެ ނުރުހޭ ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ސާބިތުކުރެވިފައި ނުވާ ކަމަށާއި އެއްވެސް މީހަކު އެފަދަ އެއްޗެއްވެސް އޭނާއާ ދިމާލަށް ބުނެފައިވާކަން އެނގިފައިނުވާ ކަމަށް އެމީހާ ބުންޏެވެ.
ޢަބްދުއްރަހްމާންގެ މަރާ ގުޅޭގޮތުން އިތުރު ތަހުލީލުތައް ހެދުމަށް އޭނާގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ހަދަން އިންޑިއާއަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އޯޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކާ ގޮތުގައި ޢަބްދުއްރަހްމާން ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.



