އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، އުމްރާއަށް ގެންދަން ދެކޮޅު ހެދި މައްސަލާގައި އަސްކޮއި ގުރޫޕު ޖޫރިމަނާކޮށް، އެ ގްރޫޕުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދޭން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އުމްރާއަށް މީހުން ގެންދިޔުމުގައި މީގެ ކުރިންވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ އަސްކޮއި ގްރޫޕުން މީހުން އަތުން ފައިސާ ނެގުމަށްފަހު، އެންމެ ފަހު ވަގުތު އުމްރާއަށް ގެންދިޔުން ކެންސަލްކޮށްފައިވެއެވެ.
އަސްކޮއި ގްރޫޕާ ގުޅިގެން ހިމެނޭ މައްސަލަތަކަކީ:
° 2016 ވަނަ އަހަރު އެ ގުރޫޕުން އުމްރާއަށް ފުރަން ދިޔަ ބަޔަކު އެއާޕޯޓުގައި ތާށިވުން. އެފަަހަރު، 38 މީހަކަށް ވިސާ ނުލިބިގެން ފުރޭ ގޮތެއް ނުވި އަދި އެ މީހުންނަށް ފުރޭ ގޮތްވީ މާ ފަހުން.
° 2018 ވަނަ އަހަރު ވަގު ޓިކެޓްތަކެއް ވިއްކައިގެން އަސްކޮއި ގުރޫޕުގެ 168 އުމްރާވެރިންނަށް ފުރޭ ގޮތެއް ނުވި. އެ ގުރޫޕުން ފަހުން ބުނި ގޮތުގައި، ޓިކެޓް ގަންނަން ހަވާލުކުރި ކުންފުނި އެ މީހުންނަށް އޮޅުވާލީ.
° މިދިޔަ ރަމަޟާން މަހު ވެސް މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލް ކުރި ކަމަށް ބުނެ މީހުންނަށް ލަނޑުދިންކަމުގެ މައްސަލައެއް ފެންމަތިވި. އެފަހަރު 130،000 ރުފިޔާއިން އެ ގުރޫޕު ޖޫރިމަނާ ކުރި .
° މި މަހުގެ 24ގައި އުމްރާއަށް ފުރަން އެންގުމަށްފަހު، ފަހު ވަގުތު އުމްރާ ދަތުރު ފަސްކުރި ކަމަށް އަންގައި އުމްރާއަށް ދާން މީހުން ދެއްކި ފައިސާ އާއި ޕާސްޕޯޓު ފަދަ ލިޔުންތައް ހަވާލުކުރަން ދެކޮޅު ހަދާފައިވޭ. އެ ގްރޫޕުގެ ވެރިންނާ ގުޅަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވާކަމުގައި އެ މިނިސްޓްރީން ބުނި.
މިކަންކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސްކޮއި ގުރޫޕުން އުމްރާ ދަތުރު ފަސްކުރީ، ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރު ކުރަން ކުންފުނިން ބޭނުންވާ ކަމަށް ބުނެ ކަމަށެވެ.
އަސްކޮއި ގްރޫޕުން އެެގޮތަށް އެންގުމުން އެ ގްރޫޕުން ދަތުރު ކުރަން ފައިސާ ދެއްކި މީހުން ވަނީ މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ ކުންފުނީގެ އިސްވެރިޔާއަށް ރަސްމީ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރި އެއްވެސް މުއާމަލާތަކަށް ވެސް ޖަވާބު ދީފައި ނުވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.



