ރައްޔިތުން މިއަދު ސިޔާސީ ޕާޓީތައް ދެކެ ފޫހިވެފައިވާ ކަމަށާއި ޑިމޮކްރެޓިކް ވިސްނުން ހުރި ސިޔާސީ ޕާޓީތަކުން އެކަމާއި މެެދު ވިސްނަން ޖެހޭ ކަމަށް އިފިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވދާޅުވެއްޖެއެވެ.
”ރީބޫޓް“ ޕޮޑްކާސްޓއި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަތަކެއް ދެއްކި ނަމަވެސް ރައްޔިތުންނާއި ހިސާބަށް އެވާހަތައް ދިޔަ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ވާހަކަތަކެއް ރައްޔިތުންނާއި ހިސާބަށް ހުށައަޅައިގެން، އެކަން ރައްޔިތުންނަށް ކަމުގޮސްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ވިސްނުން ގާނޫނުގައި އޮތް ގޮތާއި ދިމާލަށް ދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ ޑިމޮކްރަސީ ގަބޫލު ނުކުރާ ބޮޑު ޕަސެންޓެއް ރާއްޖޭގައި އޮތުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހާއްސަ ގޮތެއްގައި އެ ބައިގައި ސިޔާސީ މީހުން ހިމެނޭ ކަމަށާއި، އެމީހުން ދޮގު ހަދައިގެން ނުވަތަ ޒާތީ އެކި ކަންކަމުގައި ވިޔަސް، ރައްޔިތުން ދެބައި ކޮށް އެމީހުންގެ ފަޅިއަށް ރައްޔިތުން އަރުވައިގެން މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
”ހަގީގަތުގައި ވެގެން މިއުޅޭ ގޮތަކީ ރައްޔިތުން ވަރަށް ފޫހި ވެއްޖެ މި ސިޔާސީ ޕާޓީތަކާއި ސިޔާސީ ކަންކަމުގެ ތެރެއިން. އެއީ ވަރަށް ހިތާމަވެރިކަމެއް. އެއީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ސިޔާސީ ނިޒާމެއްގެ ތެރެއިން“ ފައްޔާޒް ވިދާޅުވިއެވެ.



