ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، ”ނިއުޔޯކް ޑެކްލެރޭޝަން“ ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ.
ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވީ މި މަހުގެ 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ކުރިއަށްގެންދިޔަ ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން“ ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު ”ނިއުޔޯކް ޑެކްލެރޭޝަން“ ބަލައިގަތުމުން މަރުހަބާ ކިޔާކަމަށެވެ.
ހަމައެހެންމެ ”ނިއުޔޯކް ޑެކްލެރޭޝަން“ އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ބަޔާނުގައި ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެކަމަށް ވިދާޅުވެފައެވެ.



