ލ. މާމެންދޫއަށް އެތެރެކުރި 82 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 31 ވަނަ ދުވަހު މާމެންދޫއަށް ދަތުުރުކުރި ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އަދި އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 82 ގުރާމު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



