ވިލިމާލޭގައި ފުލުހުން ހިންގި އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެއް ކޮޓަރިއަކުން ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ)، މުހައްމަދު ވިޝާލް (ރޯމަން) އަދި އިސްމާއިލް ޖުމައިހު (ޖުމާ) ގެ އިތުރުން އެހެން މީހަކު ހިމެނޭހެން ޖުމްލަ ހަތަރު މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އަޒޭ، ޖުމާ، ރޯމަން އަދި މީގެއިތުރުން، އަޒޭގެ ކޮއްކޮ ޝާހިލް މުހައްމަދު ވެސް އެ ތަނުން ހައްޔަރުކޮށްފައިވާ އިރު، މި 4 މީހުންގެ މައްޗަށްވެސް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ،އެ މީހުން ތިބި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ހުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މިންގަނޑަށް އަރާ މިންވަރަށެވެ. ބަންދު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އެ މީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ފުލުހުން އެ ކޮޓަރިއަށް ވަތްއިރު، މޭޒުމަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސްމާއިލް ޖުމައިހު ފިޔަވައި ދެން ތިބި ތިން މީހުންނަކީ ވެސް މީގެކުރިން ކުށުގެ ރެކޯޑު އޮތް ބައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެއްޖެނަމަ، މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޮޑު އަދަބެއް އަންނާނެއެވެ. އެގޮތުން ކުރިން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށް އޮތް އޮތުން އުވާލައި، މިހާރު ގާނޫނުގައި ކަނޑައަޅާފައިވަނީ މަރުވަންދެން ޖަލުގައި ބަންދުކުރުމަށެވެ.
އަދި މިފަދަ ކުށްތައް ސާބިތުވާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ މާފުދިނުމާއި އަދި ޕެރޯލްގެ ދަށުން ދޫކޮށްލުން ވެސް ގާނޫނުން ވަނީ މަނާކޮށްފައެވެ.



