ފްރާންސުން 40 ޓަނުގެ އިންސާނީ އެހީ ގާޒާއަށް ފޮނުވުމަށް ނިންމައިފިއެވެ.
މި އެހީ ފޮނުވުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގައި ކަމަށާއި، އަދި ފޮނުވާ ކޮންމެ ފްލައިޓަކުން 10 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ފްރާންސުގެ ފޮރިން މިނިސްޓަރު ޖޭން ނޮއެލް ބެރޮޓް ވިދާޅުވިއެވެ.
”މިއީ ގާޒާއަށް މިވަގުތު އެންމެ ބޭނުންވެފައިވާ އިމަޖެންސީ އެހީ“ ފްރާންސުގެ ފޮރިން މިނިސްޓަރު ޖޭން ނޮއެލް ބެރޮޓް ވިދާޅުވިއެވެ.
އަދި މި އެހީގެ އިތުރުންވެސް ގާޒާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބްރޮޓް ވަނީ ފާހަގަކުރައްވާފައެވެ.
ފްރާންސުން މި އެހީ ފޮނުވުމަށް ހަމަޖެހިފައިވަނީ ޖޯޑަން މެދުވެރިކޮށެވެ. ފްރާންސަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ސަބަބުން، އެ ސަރަހައްދުގެ އާންމު ރައްޔިތުން ވަނީ ޒަރޫރީ ޚިދުމަތްތަކުން މަޙްރޫމްވެ، ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައެވެ.




