އިދިކޮޅު އެމްޑީޕީގެ ހަރުގެއަށް ގެއްލުންދިން މީހާ މިއަދު ހައްޔަރު ކޮށްފިއެވެ.
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއަށް ރޭ ދަންވަރުގެ ވަގުތެއްގައި ގެއްލުން ދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެމްޑީޕީ ހަރުގޭގެ ގޭޓުގެ ދަނގަނޑު އެއް ދޮރުފަތް ވެސް ވަނީ ވައްޓާލާފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ.

މިކަމާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. ސްޓާ މުޙައްމަދު ރަޒީން (49އ.) އެވެ.
ރަޒީނަކީ މިފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް ހައްޔަރު ކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ކެފޭ އެއްގެ ބިއްލޫރި ޝެލްފެއް، ފައިން ޖަހާ ތަޅާލައި، ގެއްލުން ދިން މައްސަލައިގައެވެ.
މީގެއިތުރުން ރަޒީން އަކީ ފުލުހުންގެ ދައުރަށް ހުރަސް އަޅައި، ހަޑިހުތުރުބަހުން ފުލުހުންނާ މުހާތަބްކުރި މައްސަލައިގައި ވެސް މީގެ ކުރިން ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެފަހަރު ކޯޓުން އޭނާގެ ބަންދަށް 5 ދުވަސް ޖެހިކަން ފުލުހުން ހާމަކުރިއިރުވެސް، އޭނާ ހުރީ ދޫކޮށްލާފައިކަން ފަހުން ވަނީ ހާމަވެފައެވެ. ބަންދު އަމުރު ޖެހިއިރު ދޫކޮށްލާފައިހުރީ ކީއްވެތޯ ކުރި ސުވާލަށް ފުލުހުންގެ ފަރާތުން އަދިވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
މުހައްމަދު ރަޒީނަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދު ލޮގް އޮތް މީހެއްކަން ރިކޯޑުތަކުން ދައްކައެވެ.
އެގޮތުން ރަޒީނު ވަނީ މީގެކުރިން ވިލިމާލޭގެ މަގުތަކުގައި ވެސް މިފަދައިން އަޑުގަދަކޮށް، އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅޭ ގޭގެ ދޮރު ހަލާކުކޮށްލައި، ކުރީގެ އަނބިމީހާ މަސައްކަތް ކުރާ އޮފީހަށް ވެސް ގޮސް އެތައް ދުވަހަކު އަޑުގަދަ ކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާއަކީ ނަފްސާނީ ބައްޔަށް ކޮންމެވެސް ވަރަކަށް ބޭސްކުރާ ފަރާތަކަށްވުމުން، މި މައްސަލަތަކުގައި އޭނާއާމެދު މާބޮޑު ފިޔަވަޅެއް މީގެ ކުރިން އަޅާފައި ނުވާކަން ވެސް އެނގިފައިވެއެވެ.



