ރައްޔިތުންގެ އިޖުތިމާޢީ ޙާލަތު ދެނެގަތުމަށް ސަރުކާރުން ކުރިއަށްގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގުރާމް މިހާތަނަށް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
”ހާލު ކިހިނެއް؟“ ޕްރޮގުރާމް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމް އެންމެ ފަހުން ހިންގާފައިވަނީ ދ. އަތޮޅުގައެވެ.
”ހާލު ކިހިނެއް“ ޕްރޮގްރާމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސޯޝަލް މިނިސްޓަރުގެ ނައިބު މަރިޔަމް ލަހުފާ ވިދާޅުވީ އެ ޕްރޮގުރާމްގައި، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން އެފަދަ ޢާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ކުރު ކޯސްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް ލަހުފާ ވިދާޅުވިއެވެ.



