ހައި ކޯޓަށް އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.
ޖޭއެސްސީން މީޑިއާތަކަށް ވެސް ފޮނުވި ދައުވަތުގައި ބުނެފައިވަނީ ހައިކޯޓަށް އަލަށް އައްޔަނުކުރާ ފަނޑިޔާރުން ހުވާ ކުރުން މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، އެ މަގާމަށް 17 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.
ކުރީގެ ގާޒީ ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި ޝަހީދަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ހައެއްކަ އަހަރު ވެފައިވާ ބޭފުޅެކެވެ.



