ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައިދުފުޅާ އެއްގޮތަށް ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.
ރައީސްގެ އެ ވައުދުފުޅުގެ ދަށުން، މިދިޔަ މާރިޗް މަހުގެ 29ގައި ރައީސް ވަނީ ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން އެމަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ކެލާގެ ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރައްވައިފައެވެ.
އެހެންނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު 14 ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލައި، އިއުލާނު ކުރިއިރު އޭގެ ތެރޭގައި ކެލާގައި ރިސޯޓުތައް ތަރައްގީކުރުމަށް ހިމަނާފައެއް ނުވެއެވެ. އެ އިއުލާނުގައި ރާއްޖޭގެ 11 ފަޅަކާއި، ދެ ރަށެއްގެ އިތުރުން ފިނޮޅެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފައިވެއެވެ.
އެ އިއުލާން ނެރުނުތާ މަހެއްވީ ފަހުން މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާނަށް އިސްލާހެއް ގެނެސްފައެވެ.
އެގޮތުން އެ އިސްލާހުގައި ވަނީ، ރިސޯޓު ތަރައްގީ ކުރަން ކެލާ ފަޅުން 156.2 ހެކްޓަރުގެ ސަރަހައްދަކާއި، 169.3 ހެކްޓަރުގެ ސަރަހައްދެއް ދޫކުރާކަން ހިމަނައިފައެވެ.
މި ދެ ފަޅުގައިވެސް ބީލަމަަށް ހުޅުވާލާފައިވަނީ 150 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށެވެ.



