ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އެނގިފައިވާ ގޮތުގައި މި ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު މެންދުރު ފަހު އިންޓަވިއު ކުރުމަށް ފަހު ރައީސަށް ފޮނުވަން ނިންމީ ޣަނީގެ ނަމެވެ.
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ކުރެއްވިއެވެ. އޭނާއަކީ ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޣަނީ ކުރިން އައްޔަނު ކުރީ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު ސުޕްރީމް ކޯޓުން ވަކިކުރުމަށްފަހުގައެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.




