މާލެއިން ފުރައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިގެން ކަނޑުވެފައިތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ “އަލްމަޖްރާ“ ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އެމީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ތިން މީހުންގެ ހާލު ވެސް ރަނގަޅެވެ.
ސަލާމަތް ކޮށްފައިވަނީ ދިވެއްސަކާއި ބަންގްލަދޭޝް ދެމީހުންނެވެ.
ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެމީހުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.
އެހެންކަމުން ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.



