ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރު ވިދާޅުވީ އާއްމުންގެ ޚިޔާލާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ބަދަލުތައް އެ ޚިދުމަތަށް ގެންނަމުންދާ ކަމަށެވެ.
“ބޮޑެތި އަދި ދާއިމީ ބަލިތަކާ ގުޅިގެން، ގަވައިދުން ފަރުވާއަށް ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްވަރާތައް ދަނީ ކުރަމުން“ ޔާސިރު ވިދާޅުވިއެވެ.
މި ޚިދުމަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަން ހާމަކޮށް ޔާސިރު ވިދާޅުވީ މިނިސްޓްރީން އެ މަސައްކަތް ކުރާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީއާ ގުޅިގެން ކަމަށެވެ.
މިގޮތުން ބީއެމްއެލުން ދޫކުރާ ޚާއްސަ ކާޑެއް އެންސްޕާ މެދުވެރިކޮށް ދޭނެ ކަމަށާއި އެ ކާޑު ބޭނުންކޮށްގެން ބަލި މީހާ އަށާއި އެހީތެރިޔާއަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ޔާސީރު ވިދާޅުވިއެވެ.




