ސިހުރާއި ފަންޑިތަ ހަދައިދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފުޅާކޮށް އެކަން ޕްރޮމޯޓްކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ސައުވީސް“ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ސިހުރު ހެދުމަށް ހިތްވަރުދީ އަދި ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމުކުރަމުންދާ ޕޭޖުތަކެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
”މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ފޮޓޯއާއި އިޝްތިހާރު ޖަހައިގެން އެކިކަންކަމަށް ސިހުރު ހަދައިދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކުގައި ގިނަ ޕޭޖުތަކެއް ހިންގަ އެވެ. ދޭތެރެ ދޭތެރެއިން އެ ފަދަ ޕޭޖުތަކުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް އެކަން ދަނީ ތަހުގީގު ކުރަމުންނެވެ.
ސިހުުރުގެ މައްސަލަތަކުގައި ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން ބައެއް ރަށްރަށުންވެސް މީހުން ހައްޔަރު ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ހއ. ބާރަށުގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ އެރަށުގެ 8 ތަނެއް ބަލައި ފާސްކޮށް މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަދި އެ މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށް ފަހު އެމީހުން ވަނީ ދޫކޮށްލާފައެވެ.



