އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވައިފިއެވެ.
ޣަނީގެ ނަން ރައީސް ހުށަހެޅުއްވުމާ ގުޅިގެން އެ ނަން ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
މިކަމާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވަވާފައެވެ. އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަން ކުރައްވަން ޖޭއެސްސީން އެމަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލިހަށް އެ ނަން އިއްވެވުމަށްފަހު، ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.
ޣަނީގެ އިތުރުން އުއްތަމަ ފަނޑިޔާރުކަމަށް ދެން ޝައުގުވެރިކަން ފާޅުކުރެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
ޖޭއެސްސީން އެ ތިން ބޭފުޅުންނާ ކުރި އިންޓަވިއު އަށް ފަހު މާކްސް ދިން ގޮތަށް ބަލާއިރު ޣަނީ ހިމެނިވަޑައިގަތީ ”ހައިލީ ރިކޮމެންޑެޑް“ ކެޓަގަރީގަ އެވެ. އަބްދުﷲ އަށް ލިބިވަޑައިގަތީ ”ރިކޮމެންޑެޑް“ އެވެ. ތަރުތީބަށް ބަލާއިރު ޝުޖާއު އުޅުއްވަނީ ތިންވަނައިގަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.




