މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު މެންބަރުން އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ.
އެގޮތުން ރައީސް މުޢިއްޒު ފޮނުއްވި ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ މުހައްމަދު އިމްތިނާން ސައުދުﷲ އާއި އިސްމާއިލް ހަމްދޫނާއި އައިޝަތު ޝަޒުރާ އަދި އިދުހާމް ހުސައިން އެވެ.
މީރާގެ ބޯޑުގައި ތިއްބެވި ހަތަރު މެންބަރެއްގެ ދައުރު މި މަހުގެ 31 ގައި ހަމަވާނެ އެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ކުރިމަތިލާން އިއުލާނުކުރުމުން 14 މީހަކު ކުރިމަތިލި އެވެ.
ހުސްވާން ކައިރިވެފައިވާ މަގާމުތަކަށް ރައީސް މުޢިއްޒު ނަންތައް ފޮނުއްވާފައިވަނީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.
އެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
މީރާގެ ބޯޑުގައި ހަތް މެންބަރު ތިއްބަވަ އެވެ. މި ވަގުތު އެ ބޯޑުގެ ޗެއާޕާސަނަކީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ އެވެ.




