ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި މަހު 7 ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މި މަހު ފުރަން ހަމަޖެހިފައިވާ ކުދިންނާއި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޘިމް އިބްރާހީމް ބައްދަލުކޮށްފައިވާ ކަމަށެވެ.
މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ 10 ކުދިންގެ ތެރެއިން 03 ކުއްޖަކު އޭޕްރީލް މަސްތެރޭގައި ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.
އަދި ބާކީ ތިބި 7 ކުދިން މި މަސްތެރޭގައި ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
”އެގޮތުން 04 އޮގަސްޓްގައި 3 ކުދިން، 05 އޮގަސްޓްގައި 01 ކުއްޖަކު، 08 އޮގަސްޓްގައި 01 ކުއްޖަކު، 09 އޮގަސްޓް ގައި 01 ކުއްޖަކު އަދި 12 އޮގަސްޓްގައި 01 ކުއްޖަކު ފޮނުވުމަށް ވަނީ ހަމަޖެހިފައި“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ތެލަސީމިއާގެ ފަރުވާހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ”ހަފުތާ 14″ގައި ހިމެނޭ ވައުދެކެވެ.
މި ވައުދުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކު ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މިނިސްޓްރީ އޮފް ހެލްތާއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.



