ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދީފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ މަޖިލިސް ގަވައިދުގައި ކޮމިޓީއަށް އޮންނަނީ ރުހުން ދިނުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯއާމެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.
އެގޮތުން އެ ކޮމިޓީގައި ވޯޓަށް އެހުމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އަބްދުލް ޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރަން ރުހުން ދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ.
އެ ތިން ބޭފުޅުންގެ އިންޓަވިއުއަށްފަހު ޖޭއެސްސީން އިސްކަންދެއްވާފައި ވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ ޢައްޔަން ކުރެއްވުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޣަނީ އައްޔަން ކުރެއްވުމަށް ޖޭއެސްސީން އެ މަނިކުފާނަށް ލަފާދެއްވާފައިވާ ކަމަށް ބަޔާން ކުރައްވާފައެވެ.



