މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުން ގޯސްވެފައިވުމުން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމުގެ އިންޒާރާއެކު މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ނެރެފައެވެ.
އެގޮތުން މިއަދު ހެނދުނު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ނެރުނު ހުދު ސަމާލު މެޓް އޮފީހުން ވަނީ މިރޭ 7:45 އާ ހަމައަށް ދަންމާލާފައެވެ.
ފުލުހުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
ވަކިން ހާއްސަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ސޭފްޓީއަށް ޖަހާފައިހުންނަ ފެންސް ވަޔާ ނުދާނޭހެން ރަނގަޅަށް ހަރުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.



