އިމާރާތެއް ކުރުމަށް ބިމަށް ޖަހާފައިހުރި ހޮޅިތަކެއް ވަޔާ ވެއްޓި ސައިކަލަކާއި ޕިކަޕަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކެނދިގަސް ހިނގުން ގޯޅީގައި ހުރި އިމާރާތެއް މަރާމާތުކުރަން ބިމަށް ޖަހާފައި ހުރި ހޮޅިތަކެއް ފެންސާ އެކު ވެއްޓިފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސައިކަލަކާއި ޕިކަޕަކަށް ގެއްލުން ވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު މޫސުމަށް ސަމާލުވުމަށާއި ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ވަކިން ހާއްސަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ސޭފްޓީއަށް ޖަހާފައިހުންނަ ފެންސް ވަޔާ ނުދާނޭހެން ރަނގަޅަށް ހަރުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.




