އިސްރާއީލްގެ ޖާސޫސީ އިދާރާތަކުގެ ވެރިކަން ކޮށްފައިވާ އިސް ފަރާތްތައް ހިމެނޭގޮތަށް، އެ ގައުމުގެ ކުރީގެ އެތައް ސަތޭކަ އޮފިޝަލުންތަކެއް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޓީއެއް ފޮނުވައި، ޣައްޒާގައި ކުރިއަށްދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ގޮވާލައިފިއެވެ.
އެ ފަރާތްތަކުން ފޮނުވި ސިޓީގައި ބުނެފައިވަނީ ހަމާސްއަކީ މިހާރު ”ސްޓްރެޓީޖިކް ގޮތުން އިސްރާއީލަށް ނުރައްކަލެއް ނޫން“ ކަމަށެވެ.
އަދި މި ހަނގުރާމަ ހުއްޓުވައި، ރަހީނުން މިނިވަންކޮށް، މި ވޭންދެނިވި ހާލަތު ނިމުމަކަށް ގެނައުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ސަރުކާރު ރަނގަޅު މަގަށް އެޅުވުމުގެ ގާބިލްކަން ޓްރަމްޕަށް ލިބިގެންވާ ކަމަށް އިސްރާއީލްގެ ގިނަ ބަޔަކު ގަބޫލުކޮށް އިތުބާރުކުރާ ކަމަށެވެ.
މި އިލްތިމާސް ކޮށްފައިވަނީ ހަމާސް ޖަމާއަތާއެކު ނުސީދާކޮށް ކުރެވެމުންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސް، ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ނަތަންޔާހޫ ވިސްނަމުންދާ ކަމުގެ ރިޕޯޓުތަކެއް އާންމުވެފައިވަނިކޮށެވެ.
މީގެ އިތުރުން ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލީ ދެ މީހެއްގެ ވީޑިއޯއެއް އާންމުކޮށް، އެ މީހުން ތިބި ހިކި އަނަރޫފަވެފައިވާ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ލާއިންސާނީ ހަމަލާތައް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އެ ދުވަހުން ފެށިގެން ކުރިއަށްދާ މި ހަމަލާތަކަކީ ހަމާސް ނައްތާލުމުގެ ހަނގުރާމައެއް ކަމަށް އިސްރާއީލުން ބުނަމުން ދިޔަ ނަމަވެސް، މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުން ޣައްޒާ ހިސާރުކޮށް، ކާބޯތަކެތި އާއި އެހެނިހެން އަސާސީ ޚިދުމަތްތައް ބަންދުކޮށްގެން ދެމުންދާ ހަމަލާތަކުގައި އިއްޔެ އެކަނި ވެސް 94 މީހަކު ވަނީ ޝަހީދުވެފައެވެ.




