ސަރުކާރު ހިއްސާވާ ކުންފުނިތައް ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ވެސް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަކިކުރިކަން މަޖިލީހުގައި މިއަދު އިއުލާންކޮށްފިއެވެ.
އެސްއޯއީ ކޮމިޓީން މިއަދު ޝުޖާއު ވަކިކޮށްފައިވާއިރު އިއްޔެގެ މަޖިލިސް ޖަލްސާގައި އޭނާވަނީ މާލިއްޔަތު ދާއިރާގެ ކޮމިޓީން ވަކިކޮށް، ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ޕީއެންސީ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
މި ބަދަލު ގެނެސްފައިމިވަނީ ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން، މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެފްއައިޔޫގެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫން ކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރު ކޮށެއް ނުދެއެވެ. އަދި އެ ރިޕޯޓު ޝުޖާއު ވެސް ވަނީ ދޮގު ކުރައްވާފައެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހާމަކުރައްވާފައެވެ.



