ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތަކެއް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް މިއަދު ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅީ ވިލިމާލެއަށް ދާއިރާއަށް ކަނޑައަޅާފަ ހުންނަ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
މި ބިލު ހުށަހެޅި މަގުސަދެއްގެ ގޮތުގައި އޭނާ ބަޔާންކޮަށްފައިވަނީ، ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްއާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑު ކުރުމެވެ.
މިގޮތުން، އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް މުހައްމަދު ހުށަހެޅި އެ ބިލުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމުގެ ޖިނާއީ އަދަބު، 250،000 ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވެސް އޭނާވަނީ ހުށަހަޅައިފައެވެ.




