އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ 21 ޖުލައިގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެ މަގާމަށް ޣަނީ އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނުމުން ރައީސް މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ވަނީ ނަން ފޮނުވާފައެވެ. އަދި އިއްޔެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ޣަނީއަށް ރުހުން ދީފައެވެ.
ޖުޑީޝަރީ ކޮމިޓީން ތަޅުމަށް ހުށަހެޅި ގޮތަށް ޣަނީއަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ތަޅުމުގައި ނެގި ވޯޓުން، އޭނާ އެމަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 62 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވި އެއްވެސް މެންބަރަކު ނެތެވެ.
ޣަނީއަކީ 2000 އިން 2004އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި 2004 އިން 2018އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ވެސް ހުންނެވި އެވެ.
މީގެއިތުރުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1ގެ ފަހުން އޭނާ ސުޕްރީން ކޯޓަށް އައްޔަނު ކުރިއެވެ. ނަމަވެސް އެ މަގާމުން 2019ވަނަ އަހަރު ވަކިކުރިއެވެ.




