ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާގެ ޖުމްލަ 127،000ރ.އަށް އަރާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15އިން ފެށިގެން ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ގެންގުޅުމާއި ވިއްކުންވެސް މަނާ ކޮށްފައެވެ. އަދި ވޭޕް ބޭނުންކުރާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ޤާނޫނުގައި ވެސް ހިމަނާފައިވެއެވެ.
އެ ޤާނޫނުގެ ދަށުން މިދިޔަ މަހު ޖޫރިމަނާ ކުރި މީހުންގެ ތަފާސްހިސާބުތައް ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.
އެގޮތުން:
° ވޭޕް ކޮށްގެން މިދިޔަ މަހު 62،000 ރުފިޔާއަށް ޖޫރިމަނާ ކޮށްފައިވޭ.
° މިދިޔަ މަހު ވޭޕު ވިއްކައިގެން ނުވަތަ ގަނެގެން 7،000 ރުފިޔާއަށް ޖޫރިމަނާ ކޮށްފައިވޭ
° ވޭޕް ގެންގުޅެގެން މިދިޔަ މަހު 58،000 ރުފިޔާއަށް ޖޫރިމަނާ ކޮށްފައިވޭ
މިހާރު އޮތް ޤާނޫނުގެ ގޮތުން ވޭޕް ހިލޭ ބަހައިފިނަމަވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެއެވެ.
އެގޮތުން:
° ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
° އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
° އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
° އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ




