ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގައި ޖުލައި މަހުން ފެށިގެން ޗިކަންގުންޔާގެ 7،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާކަމަށް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ފޯޝާން ސިޓީގައެވެ.
ފޯޝާން ސިޓީގެ ހޮސްޕިޓަލުތަކުގައި ޗިކަންގުންޔާ ޖެހިފައިވާ މީހުންނަށް ފަރުވާދެމުންދާއިރު، އިތުރަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހޮސްޕިޓަލުގެ އެނދުތައް މަދިރި ދަނޑިން ރައްކާތެރިކޮށްފައިވާ ކަމަށް ހެލްތު އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ބަލިމީހުން ޑިސްޗާޖްކުރެވޭނީ ޓެސްޓް ނެގެޓިވް ވުމުން ނުވަތަ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
ޗިކަންގުންޔާއަކީ ބަލިޖެހިފައިވާ މަދިރި ދަތްއެޅުމުގެ ސަބަބުން ފެތުރޭ ވައިރަސްއެކެވެ. މި ބަލި ޖެހޭ މީހުންނަށް ހުމުގެ އިތުރުން ހުޅުތަކުގައި ވަރަށް ބޮޑަށް ރިއްސުން މެދުވެރިވެއެވެ. ބައެއް ފަހަރު މި އަލާމާތްތައް އަހަރުތަކެއް ވަންދެން ދެމިގެންދާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ފޯޝާން ފިޔަވައި، ގުއަންޑޮންގް ޕްރޮވިންސްގެ ދެކުނުގެ އިތުރު 12 ސިޓީއަކުން ވެސް މި ބަލި ފެތުރިފައިވެއެވެ. މިދިޔަ ހަފްތާގައި އެކަނި 3،000 އާ ގާތްކުރާ އަދަދެއްގެ ކޭސް ރިޕޯޓްކޮށްފައިވެއެވެ.
ހޯމަ ދުވަހު ހޮންކޮންގުން ފުރަތަމަ ކޭސް ފެނިފައިވަނީ ޖުލައި މަހު ފޮޝާންއަށް ދަތުރުކުރި 12 އަހަރުގެ ކުއްޖެއްގެ ފަރާތުންނެވެ.
ޗައިނާގައި މަދުން ނަމަވެސް ޗިކަންގުނިއާ ފެތުރެމުންދާއިރު، މިއީ ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާ އަދި އެފްރިކާގެ ބައެއް ހިސާބުތަކުގައި އާންމުކޮށް ފެންނަ ބައްޔެކެވެ.
އަދި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ޗައިނާގެ ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ.



