މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް މިދިޔަ ޖޫން މަހު އެކަނި ވެސް 192 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 88 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާ ދީގެން ހުށަހަޅާފައިވާ މައްސަލަތައް ކަމުގައި އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1966 ކޯލް ލިބިފައިވެއެވެ. މީގެތެރޭގައި ގިނައީ ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ ކޯލްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން ޖޫން މަހު އެ މިނިސްޓްރީއަށް 192 މައްސަލަ ރިޕޯޓުކޮށްގެން އެޓެންޑްކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
އޭގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އަނިޔާކުރުމުގެ 88 މައްސަލައެއް ހުށަހަޅާފައެވެ.
ކުޑަކުދިންނަށް ކޮށްފައިވާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަ:
° ޖިންސީ ހާނިކައްކައިގެ 27 މައްސަލަ
° ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ
° އިހުމާލުވުމުގެ 13 މައްސަލަ
° ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ
° ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ
° ގަނާގެ ޝިކާރައަކަށްވުމުގެ 06 މައްސަލަ
° ބްލެކްމެއިލްކުރުމުގެ 4 މައްސަލަ
° ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ
° ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ
° އިންޓަރނެޓް މެދުވެރިކޮށް ގަނާގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ
° ޖިންސީ ”ގްރޫމިންގް“ ކުރުމުގެ 01 މައްސަލަ




